ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ޅެން ފޮތް "ބަނަފުސާ" އާއި ލަވަ އަލްބަމް "އަރާއިރު" ނެރެފިއެވެ.
އެމަނިކުފާނުގެ ޅެންފޮތާއި އަދި ލަވަ އަލްބަމް ނެރުނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައެވެ. މި ހަފުލާގައި، ޅެން ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި ލަވަ އަލްބަމް "އަރާއިރު" ނެރެދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ.
މި ހަފުލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް، ހަމްދޫން ޙަމީދު އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނެއެވެ. މީގެ އިތުރުން، "އަރާއިރު" ލަވަ އަލްބަމުގެ މަސައްކަތްތައް ކުރި 'ޓޮނިކް ލައިވް ސްޓޫޑިއޯ'ގެ ވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ބައިވެރިވިއެވެ.
"އަރާއިރު" އަލްބަމަކީ ހިތްގައިމު 6 ލަވަ ހިމެނޭ އަލްބަމެކެވެ. މި ލަވަތަކުގައި ހިމެނެނީ އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންތަކެވެ. އަދި ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެއެވެ. އަލްބަމުގައި ހިމެނޭ ރާގުތަކަކީ ދިވެހި އަމިއްލަ ރާގުތަކެކެވެ. ކުޑަ އިއްބެ ވިދާޅުވި ގޮތުގައި މި އަލްބަމުގެ ލަވަތައް ސައުންޑްކްލައުޑަށް ދޫކުރާނެއެވެ.
ހަފުލާގައި އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންވެރިކަމާ ބެހޭގޮތުން ޝާހިދު ޙަލީމް، އީސާ ޝަރީފް، އާދަމްބެ އަދި އަޝްރަފް އަލީ ވާހަކަދެއްކެވިއެވެ. އަދި "އަރާއިރު" އަލްބަމް ނެރުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާ ބެހޭގޮތުން ހަމްދޫން ޙަމީދު ވާހަކަފުޅު ދެއްކެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް