ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށް މައްކާ ރޫޓު އިނީޝިއޭޓިވްއިން ބުނެފިއެވެ.
އެގޮތުން ތިން ވަނަ ފްލައިޓުގައި މިއަދު ފުރި ޙައްޖުވެރިންގެ ތެރެއިން ބައެއް ޙައްޖުވެރިންގެ ފޮޓޯއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގެ ރަސްމީ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް މިއަދު އާއްމު ކުރި މެސެޖުގައި ބުނެފައިވަނީ "ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެކެވެ." ކަމަށެވެ.
މިއީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން މައްކާއަށް ދަތުރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ޙައްޖާޖީންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމަށް ސަޢުދީ ސަރުކާރުގެ ވިޝަން 2030 ގެ ދަށުން ފައްޓަވާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖޭ ހިމަނުއްވާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުފުޅާއެކު އެހެން ޤައުމުތައް މިކަމުގައި ހިމެނުމަށް އެކުލަވާލާފައިވާ ހުރިހާ އުސޫލުތަކަކުން އިސްތިސްނާ ކުރައްވާފައެވެ.
މިއީ ސަޢުދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ދެއްވި ހަދިޔާއެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީން ދަތުރުކުރާއިރު، ރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަޢުދީ ޢަރަބިއްޔާގެ އިމްގްރޭޝަން ފުރިހަމަ ކުރެއެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު، ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުޙަބާ ކިޔަމުންދާ ކަންވެސް ފާހަގަކޮށްލެވެއެވެ.
ދިވެހި ޙައްޖުވެރިންގެ ތެރެއިން ތިން ފްލައިޓެއްްގެ ޙައްޖުވެރިން މިހާރު ސަޢުދީއަށް ގޮސްފައިވާއިރު ފަހު ފްލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ދުވަހު މެންދުރުފަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް