މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
ފަސް އަތޮޅެއް ފިޔަވައި އެހެން ހުރިހާ ހިސާބަކަށް ހުދު ސަމާލު ނެރެފައިވާއިރު އެއީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކެވެ. އެގޮތުން މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް މިއަދު 11:00 އިން 17:00 އަށް ހުދު ސަމާލު ނެރެފައިވާކަމަށާއި އެ ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށެވެ.
މިއަދު 10:00 އިން މާދަމާ 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވުމާއެކު، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް