ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް ދެ މީހުން ގައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.
އަދި އިތުރު ފަސް މީހުން ދޫކޮށްލުމާ މެދުގައި މިއަދު ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފެށީ އިއްޔެއެވެ. ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށެވެ.
ޕީޖީ އޮފީހުން ބުނީ އިއްޔެގެ ނިޔަލަށް ދެ މީހުންނަށް ލުއި ދިން އިރު، އިތުރު ފަސް މީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށެވެ.
އެހެންނަމަވެސް، މި ނިޒާމުގެ ދަށުން ހުރިހާ ބާވަތެއްގެ ކުށްތަކަށް ލުއި ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
އެގޮތުން ޕީޖީ އޮފީހުން ބުނީ މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އަދި އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވާކަމަށާއި އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް