18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ސިއްހީ ވުޒާރާއިން ޙަވާލުކޮށްފިއެވެ.
އެގޮތުން މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާއި)، ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
މި މަސައްކަތްތައް ޙަވާލުކުރުމަށް އިއްޔެ ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންއާ 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު އެމްޓީސީސީއާ ޙަވާލުކުރީ 5 ހެލްތު ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތެވެ. އަދި އާރްޑީސީއާ ހަވާލުކޮށްފައިވަނީ 4 ހެލްތު ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢޫތަކުގެ ތެރޭގައި ހިމެނެނީ 2 ހޮސްޕިޓަލާއި 4 ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށާއި 12 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްޙީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ޚާއްސަކޮށް އަތޮޅުތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ޚިދުމަތް ދޭ ތަންތަން ބާވެ މަރާމާތައް ނުވަތަ ޖާގައިތުރުކުރުމަށް ބޭނުންވެފައި އޮތް އޮތުންކަމަށެވެ.
" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން އެދޭ އެދުމަކީ ސިއްހީމަރުކަޒުގެ ޖާގަ ނެތުމާ އެ މަރުކަޒުތައް ބާވެފައި ހުންނަ ވާހަކަތައް. ނުވަތަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްދެއްވާށޭ. އެވާހަކަތައް ރައީސް އަޑުއައްސަވާ. މިކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި އަދި 19 ސިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި 33 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވަރަށް އަވަހަށް އިތުރު 21 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް