ކ. މާފުށީގައި މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށު ކައުންސިލުން ތައްޔާރުވެއްޖެއެވެ.
އެގޮތުން، ޙައްޖު ދުވަހުގެ ރެއިން ފެށިގެން ޖޫން މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ މި ފާހަގަކުރުންތަކުގައި ގިނަ ހަރަކާތްތަކެއް ހިމެނޭކަމަށާއި އީދު ދުވަހުގެ ހަރަކާތްތައް ފެށޭނީ ޖަމާޢަތުގައި ކުރެވޭ އީދު ނަމާދުންކަމަށް ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.
އޭގެފަހުން ވެދުމާ ދިއުމާއި، އީދު ބަޑި ރޯކުރުމާއި، ސަގާފީ ޖާފަތާއި، އީދު ސައި ފަދަ އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުގެ ރައީސް ހަސަން ސޮލާހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
"އީދު ދުވަސް ފަށާނީ އީދު ނަމާދުން. އީދު ނަމާދަށްފަހު ރައްޔިތުންނާއި ކައުންސިލާއި އެހެން ފަރާތްތަކާ ގުޅިގެން ދެވޭ އީދު ސައެއް އޮންނާނެ. ހުކުރު ދުވަހު ހެނދުނު އޮންނާނީ ކަލަ ރަންއެއް. ހަމަ އެދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިފައި މިއޮތީ،" ސޮލާހް ވިދާޅުވިއެވެ.
އީދު ޝޯގައި އީކުއަޓިކް ވައިބް އާއި މާފުށީ ސަގާފީ ގުރޫޕުން ބައިވެރިވާނެއެވެ. މީގެ އިތުރުން ރޯބޯމެން ޕާފޯމަންސްއަކާއި، ވަޅު އީދު ދުވަހު ވާދެމުމުގެ މުބާރާތަކާއި، ކޯޑި ނެރުމާއި، ނަލަ ކޯޑި ހިނގުން އަދި މާލި ޕެރޭޑެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖޫން 9 ގައި މަސްރޭހަކާއި ބާބަކިއު އެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
މިއަހަރުގެ އީދުގައި ހާއްސަ ކަމެއްގެ ގޮތުގައި ގޭބިސީތަކުގެ މެދުގައި ދިއްލުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އެންމެ ރީތިކޮށް އަދި އުފެއްދުންތެރިކަމާއެކު ޑިޒައިންކޮށް ދިއްލާ ތިން ގޭބިސީއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީދާ ދިމާކޮށް ކުރިއާލާ ލޯންޗު ޓިކެޓް ބުކްކުރުމަށް ކައުންސިލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް