އިސްލާޙުތަކާއެކު އިފްތިތާޙްކުރި ހުޅުމާލޭގެ އައު މާސްޓަޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަރ ޕްލޭން މިދިޔަ ހޯމަ ދުވަހު ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މާސްޓަރ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހުއެވެ.
އެޗްޑީސީގެ ރިވައިޒްޑް މާސްޓަރ ޕްލޭން ބަލައިލުމަށާއި، ހިޔާލު ހުށަހަޅާނެ ލިންކު: http://tinyurl.com/47888w2z
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް