ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއްހެދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ވިޔަފާރިތަކުން ބައިނަލްއަޤްވާމީ މާރކެޓްގައި ހަރަކާތްތެރިވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުން ދާތީއާއި ވަކިން ޚާއްޞަކޮށް ރެގިއުލޭޓަރީ ކަންކަމާއި، އެކްސްޕޯޓް މަރުހަލާގައި ހޯދަންޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަންސްގެ މިންގަޑުތަކަށް ވާސިލްވުމުގަޔާއި، ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި ހުންނަ ގޮންޖެހުންތަކުގެ ސަބަބުން، ގްލޯބަލް ވެލިޔު ޗެއިންގެ ބޭނުން, އެންމެ އެދެވޭގޮތަށް ދިވެހި ވިޔަފާރިތަކުން ހިފުމަށް ގޮންޖެހުންތަކަކާ ކުރިމަތިވަމުން ދާކަމަށެވެ.
އަދި މި ގޮންޖެހުންތަކުގެ ސަބަބުން، ދިވެހި ވިޔަފާރިތަކުން، އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމުގައި އަދި ދުނިޔޭގެ ވާދަވެރި ވިޔަފާރީގެ މާހައުލުގައި ސާބިތުވެ ތިބުމަށް ހުރަހަކަށްވެފައިވާކަމަށާއި، މި ހުރަސްތަކުން އަރައިގަތުމުގެ މަޤްޞަދުގައި، އެ މިނިސްޓްރީއާއި ޔޫއެންޑީޕީއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާކަމަށެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި، ސްޓްރެޓީޖިކް ޕޮލިސިތައް އެކުލަވާލައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެކަމަށާއި، އެކްސްޕޯޓް މާރކެޓްގެ ދިރާސާތައް ހެދުމާއި، ރާއްޖެއިން ވިޔަފާރިކުރާ މުހިންމު ޤައުމުތަކުގެ މާރކެޓްގައި ހުރި ވަކިވަކި ރެގިއުލޭޓަރީ ކަންކަމާއި, ސެޓިފިކޭޝަންސް ހޯދުމުގެ މަރުހަލާތައް ދެނެގަނެވިގެން ދާނެކަމަށެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެކްސްޕޯޓް ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދާ, ދުނިޔޭގެ ބާޒާރަށް ރާއްޖެއިން ކުރާ އެކްސްޕޯޓް އިތުރު ކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެ އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިސާދީ އެޖެންޑާގެ ދަށުން ބައިނަލް އަޤްވާމީ ވިޔަފާރިއާ އެކްސްޕޯޓް އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށާއި ދިވެހިރާއްޖެއަކީ ވިލުންވެރި، ހަރުދަނާ އިޤްތިޞާދެއްގެ މައްޗަށް ބިނާވެފައިވާ އަދި ދުނިޔޭގެ ބާޒާރަށް ހުޅުވާލެވިފައިވާ އިޤްތިސާދަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި, ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް, ދިވެހި ވިޔަފާރި ތަކަށް އަދި ވަކިން ޚާއްޞަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށް، ހަގީގީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް