ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވަން ނިންމައިފިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވީއައިއޭ ހުޅުވަން ނިންމިކަމަށް ޝަފީޒު ހާމަކުރެއްވީ، ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު އޭވިއޭޝަން ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އައު ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެކަމަށާއި މީގެ ތެރޭގައި އައު ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނޭކަމަށް ޝަފީޒު ވިދާޅުވިއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް ގާއިމުކުރެވޭނެ ކަމަށާއި މި ބަދަލުތަކުގެ މަޤްޞަދަކީ ވީއައިއޭގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުންކަމަށްވެސް ޝަފީޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ޓާމިނަލް ހުޅުވުމަށްފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ފާހަގަކުރައްވަމުން ޝަފީޒު ވިދާޅުވީ، މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މުޅި އެއާޕޯޓުގެ މަސައްކަތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާ ޓާމިނަލްގެ ބައެއް ނަމަވެސް ހުޅުވުމަށެވެ. ނަމަވެސް، ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) ގެ ލަފައަށް އެކަން މަޑުޖައްސާލެވުނެވެ. އޭއޯސީން އެދުނީ ވިންޓާ ސީޒަންގެ ސުޕާ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި، ލޯ ސީޒަންގައި ޓާމިނަލް ހުޅުވުމަށެވެ.
މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ. އާ ޓާމިނަލް ހުޅުވުމުން، ރާއްޖެއަށް އަންނަ ފަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް