ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރޭންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިއަދު އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމެވެ.
2،200 މީހުންގެ އާބާދީއެއް އޮންނަ މާވަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށް ގިރުމާއި ރަށަށް އުދައެރުމުގެ މައްސަލަކަމަށް އެމްޓީސީސީއިން ވަނީ ބަޔާންކޮށްފައެވެ. އަދި ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައިގެ ނުތަނަވަސްކަން މާވަށު ރައްޔިތުން ތަަހައްމަލުކުރަމުންދާތާ އެތައް އަހަރެއް ވެއްޖެކަމަށާއި، ދެ މޫސުން ބަދަލުވާއިރު ރަށަށް އުދަ އެރުމަކީ އެ ރަށަށް އާންމުކަމެއްކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
އަދި އޭގެ ސަބަބުން ގިނަ އަދަދެއްގެ ރުއްގަސް ވެސް ވަނީ ނެތިގެންގޮސްފައިކަމަށާއި، މީގެ އިތުރުން އާދައިގެ ލޮނުގަނޑުގެ އަސަރު ގޮނޑުދޮށާއި ކައިރީ ގެތަކަށް ކުރުމުގެ ސަބަބުން ގޭގޭގައި ހިފައި ގެންގުޅޭ ތަކެތި ހަލާކުވެ، ރަށު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވެސް ދަނީ ލިބެމުންކަމަށް އެމްޓީސީސީ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެހެންކަމުން، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުންް 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55،500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި،7500 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުމާއި،524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި،2024 މީޓަރުގެ ޖިއޯބޭގެ ރިވެޓްމެންޓް ޖެހުމާއި،180 މީޓަރުގެ ބޮޑުހިލައިގެ ގްރޮިން ޖެހުމާއި،260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރމަންޓް އިމްޕްކެޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށާއި، މިއީ89.13 މިލިއަން ރުފިޔާއަށް540 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ ހާވާލުކޮށްފައިވާ މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް