ރަޝިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރަޝިއާއަކީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ވަނަ މާކެޓަށްވާއިރު، އެއީ މިއަހަރުގެ މިހާތަނަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުވެސްމެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، މި ހިގާ މެއި މަހުގެ 25 ގެ ނިޔަލަށް ރާއްޖެއަށް 942،427 ފަތުރުވެރިން އައިސްފައިވާއިރު މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %8 އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރަޝިއާއިން 101،837 ފަތުރުވެރިން ވަނީ އައިސްފައިވާއިރު، މިއީ އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %10.8 އެވެ. މިދިޔަ އަހަރު ރަޝިއާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 5 ޤައުމަށް ބަލާއިރު ހިމެނެނީ، ޗައިނާ: 111،217 ފަތުރުވެރިން، ރަޝިއާ: 101،837 ފަތުރުވެރިން، އިނގިރޭސިވިލާތް: 96،914 ފަތުރުވެރިން، އިޓަލީވިލާތް: 80،727 ފަތުރުވެރިން، ޖަރުމަނުވިލާތް: 72،256 ފަތުރުވެރިން އެވެ.
މީގެ އިތުރުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6500 އެއްހާ ފަތުރުވެރިން އަންނަކަމަށާއި، ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ. އެއީ 672000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 218000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް