ކުށުގެ ވެށީގައި ތިބި ހާހެއްހައި ކުދިން ކުށުގެ ވެށްޓާއި ދުރުކުރުވުމަށް ތަރައްޤީކުރާ ހޯޕް އައިލެންޑް ތަރައްގީކުރަން ހަތަރު އިންވެސްޓަރަކު ކުރިމަތިލާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ގޭންގު ކުށްތަކުގެ އަދަބު ހަރުކަށިކުރުމުގެ ބިލު ތަސްދީގުކުރެއްވުމަށް އިއްޔެ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، އެ އިޢުލާނުގެ މުއްދަތު ހަމަވި އިރު ހުށަހަޅާފައިވާ ހަތަރު ފަރާތަށް މިއަދުގެ ނިޔަލަށް މައުލޫމާތު ދޭނެ ކަމަށާއި އެއަށްފަހު މަޝްރޫއުގެ ފުރިހަމަ ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅަން އިންވެސްޓަރުންނަށް އެއްމަސްދުވަހުގެ ފުރުސަތު ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޝްރޫއު އިންވެސްޓަރަކަށް އެވޯޑު ކުރާނީ އެއްމަސް ދުވަހުގެ މުއްދަތަށް ފަހުކަމަށްވާއިރު، ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. މި މަޝްރޫއަށް އިންވެސްޓަރަކު ހޯދުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 21 ގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވީ މި މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
އިންވެސްޓަރުން ހޯދަން އިއުލާނުކުރީ އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރާ ބަޔަކަށް ފުލުހުންގެ ޓްރެއިނިން ރަށް ދ. ވާނީއާއި ދެ ފަޅެއް ދޭ ގޮތަށެވެ. "ހޯޕް އައިލެންޑް" މަޝްރޫއުގެ މަސައްކަތް ނިމި ފުރިހަމައަށް ޚިދުމަތް ދެވެން ފެށުމުން ކުޑަކުންދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ދައުލަތުން ބަލަހައްޓަން ޖެހޭ ކުދިންގެ އަދަދު މަދުވެގެން ދާނެކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް