ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ.) ގެ ފަރާތުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިސް. ޕޭޑެން ގެ ލެޓަރ އޮފް ކްރީޑެންސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް އަށް މިއަދު ވަނީ އަރުވާފައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްޤީކުރުމާއި ކުރިއެރުވުމަށް ޑަބްލިއު.އެޗް.އޯ. އިން އަދާކޮށްފައިވާ އިސް ދައުރު ފާހަގަކޮށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް މިނިސްޓަރ ޑރ. ޚަލީލް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބަލިތައް ފެތުރުން ހުއްޓުވުމާއި، ޞިއްޙީ ޚިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުން ފަދަ ކުރިއެރުންތައް މިނިސްޓަރ ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
ޑަބްލިއު.އެޗް.އޯ. ގެ މަންދޫބު މިސް. ޕޭޑެން ގެ ވާހަކަފުޅުގައި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރައްވައި ޑަބްލިއު.އެޗް.އޯ. ގެ ފަރާތުން ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.
ދުންފަތުގެ އިސްތިއުމާލު ހުއްޓުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ޑަބްލިއު.އެޗް.އޯ. ގެ ޑިރެކްޓަރ-ޖެނަރަލް ދެއްވާ ޚާއްސަ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ދެއްވުމާ ގުޅިގެން ޑަބްލިއު.އެޗް.އޯ. އަށް މިނިސްޓަރ ޑރ. ޚަލީލް ޝުކުރުއަދާކުރެއްވިއެވެ.
އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރެއްވުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކުރުމުގެ ގޮތުން "ޖެނެރޭޝަނަލް ބޭން" އެއް ކަނޑައަޅުއްވައި 1 ޖެނުއަރީ 2007 ން ފެށިގެން، ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރެއްވުމަށް ނިންމެވި ނިންމެވުމާ ގުޅޭގޮތުން އަލިއަޅުއްވާލެއްވިއެވެ.
މި އަހަރަކީ 1965 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ. އިން ދިވެހިރާއްޖޭގައި ކަންޓްރީ އޮފީހެއް ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. ޑަބް.ލިއު.އެޗް.އޯ. އަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ޙަރަކާތްތެރިވެ އިސް ދައުރެއް އަދާކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް