އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ފަށައިފިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށްވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެގޮތުން، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށެވެ. އަދި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވާއިރު މައިގަނޑުގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިޚާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތަކެއް ހުރިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
"މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ކުރީގެ ބާޖަމާލުއްދީނެއް ނެތް. އެހެންވީމަ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި. އެއާއެކު މިކަންކަމަށް ބޭނުންވާ މުވައްޒަފުންނާއި އިންތީޚާބެއް ބޭއްވުމަށް ބޭނުންވާ މަސައްކަތްތައް މިނިމައިޒްކޮށް ކިހިނެތްތޯ ޚަރަދުވެސް ކުޑަކުރެވޭނީ. ކުރީ އިންތިޚާބުތަކާއި މި އިންތިޚާބާ އަޅާބަލާއިރު ކުރަންޖެހޭ މަސައްކަތާއި ޑިޖިޓަލައިޒްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ޚަރަދުގެ ގޮތުން ކުޑަކޮށް ކިހިނެތްތޯ ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާ ކަމަށް ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ، ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް