ފާއިތުވި ހަފްތާ ތެރޭގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ފާއިތުވި ހަފްތާތަކުގައި ރާއްޖޭގައި ކޮވިޑް ފެންނަމުންދާލެއް އިތުރުވަމުންދާ ކަމަށާއި، ކޮވިޑްގެ އިތުރުން އިންފްލުއެންޒާ, ޑެންގީ އަދި ވައިރަލް ހުންވެސް މި ދުވަސްވަރު ފެންނަމުންދާ މިންވަރު އިތުރުވެއްޖެކަމަށެވެ.
އަދި މި ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށް އެ އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އަތްދޮވުމާއި، މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައިވެއެވެ. އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެއެވެ. އެހެންކަމުން މި ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށާއި، ބަލި ފެތުރުން ކުޑަކުރުމަށްޓަކައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ ބަލި މުޅި ދުނިޔޭގައި ފެތުރި އެތައް މަސްތަކަކަށް މުޅި ދުނިޔެ ހުއްޓުނެވެ. އެ ބަލީގައި ރާއްޖެއިން ވެސް އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް