ދިވެހިރާއްޖޭގައި ފަޤީރުކަން މަދުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފަށައިފިއެވެ.
އެގޮތުން އެ މިނިސްޓްރީއިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކު ގުޅިގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާ މިއަދު މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓްރީގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ފުދުންތެރިކަން ދަށް ޢާއިލާތަކަށް ނުވަތަ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މި މަސައްކަތް ވެގެންދާނީ ދިވެހި މުޖުތަމަޢުގެ އެންމެ ނިކަމެތި ފަންތީގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މޯލްޑިވްސް އިސްލާމިކް ބޭންކުން މި މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ފަރާތުން ދެއްވާފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް