ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ، އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު މައިކަލް ދަމްޔަނޮސް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޘިމް ވާހަކަފުޅު ދައްކަވަމުން، މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ޞިއްޙަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްޢަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޤަމެއްގެ ފަރާތުން ޢިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި މިނިސްޓަރ ނާޡިމް ފާހަގަ ކޮށްލެވިއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި، ލޭ އެޅުމުގެ ޚިދުމަތާއި، ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.
އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބިގެންދާނީ ދިވެހިރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދިނުން ހިމެނެއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބިގެންދާނެއެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް