ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްޕުޅާމެދު ބަޔަކު ހިތްހަމަނުޖެހުނަސް ވިސްނަވަނީ ޤައުމުގެ މުސްތަޤުބަލަށްކަމަށާއި މިފަދަ ކަންކަމަކީ ސިޔާސީ މަންފާ ހޯދަން އުޅެގެން ކުރެވޭނެ ކަންކަންނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިިދާޅުވީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ މީހުނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ބިލް ތަސްދީގު ކުރެއްވުމަށް މިއަދު ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ﷲ އިރާދަފުޅުން 1 ނޮވެންބަރު 2025 އިން ފެށިގެން މި ޤައުމުގެ މުސްތަޤުބަލް ދުންފަތުގެ ވަބާއިން ދުރުކުރެވޭނެކަމުގެ ޔަޤީންކަން ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެގޮތުން، ދުންފަތުގެ ވަބާއިން އަމިއްލަ މީހާއާއި ދެން އެކަން ކުރާ މީހުންވެސް ހުއްޓުވަންޖެހޭކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
"އަމިއްލައަށް އެކަން ކުރުމުން ދުުރުވުމާއި، ކުރާ ފަރާތްތައް އެކަމުން ހުއްޓުވުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި މިހާރު އެންމެ އާއްމު އެއް ބަލި ކަމުގައިވާ ކެންސަރު ބައްޔަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކެންސަރު ފެތުރުމުގެ ފަހަތުގައިވެސް އޭގެ މަދަދުގާރަކީވެސް ދުންފަތްކަމަށާއި އެހެންކަމުން މިފަދަ ނުރައްކާތެރި ބަލިތަކުން މުޅި ޤައުމު ރައްކާތެރިކުރުމަކީ މުހިންމުކަމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ މި ޤައުމުގަ މި ލައިފްސްޓައިލްގަ މި ބަލިތައް ހުއްޓުވުމަށް އެކަށީގެންވާ ކަންތައްތަކެއް ސަރުކާރުގެ ހިސާބުން ކުރެވިފައި ނެތްތަން. އެ ޕޮލިޓިކަލް ވިލް ނެތީ، އަބަދުވެސް އިސްކުރެވެނީ ޕޮލިޓިކަލީ ސޭފް ސައިޑް. ހަޤީޤަތުގައި ޤައުމު އިސްކޮށްގެން، ޤައުމުގެ ރައްޔިތުންގެ ހެވާ ލާބަޔަށް އެދިގެން އިޚްލާސްތެރިކަމާއެކު މިކަހަލަ ކަމަކަށް ޓެކްލް ކުރެވިފައި ނެތް މިހާތާކަށް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ޤައުމުގަ މިހުރި މިކަހަލަ ކަންކަމަށް ހަޤީޤީ ހައްލު ގެނެސްދެއްވުންކަމަށާއި މިކަމުގެ ސަބަބުން އެމަނިކުފާނާމެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް ފަރުވާލެއްނެތްކަމަށެވެ.
"އަޅުގަނޑާ ދޭތެރޭގައި މިކަމުގައި ހިތްހަމަނުޖެހޭ މީހުން އެބަތިބި. ޚާއްސަކޮށް ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް. ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް، މައްސަލައެއް ނެތް އެކަމުގަ. އަޅުގަނޑު އެ ބޭފުޅުންނަށް ދަންވަނީ ހަމަ ތިބޭފުޅުންނަށް ރަނގަޅު ގޮތަކީ މިއީ އޭ. ތިޔަ ވިޔަފާރީން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރީއަކަށް ބަދަލުވެވަޑައިގަންނަވާށޭ. މި ދުންފަތުގެ ވިޔަފާރީއަކީ މި ޤައުމުގައި އަޅުގަނޑު ތަރުހީބު ދޭނެ ވިޔަފާރީއެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އަދި މިކަމުން 5 ލައްކައެއްހާ މީހުން ދިރިއުޅޭ މި އާބާދީ ސަލާމަތްކުރެވިއްޖެނަމަ، އެއީ އަޅުގަނޑުމެންގެ މުސްތަޤުބަލަށް ކޮށްދެވޭ ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެކަން ކޮށްދިނުމުގައި މި ޕޮލިޓިކަލް ވިލް މި ސަރުކާރުގައި އޮތުމާއިއެކީގައި މިކަން ކުރުމުގައި މުޅި މުޖްތަމަޢު ބައިވެރިވެއްޖިއްޔާ އަޅުގަނޑުމެންގެ މުސްތަޤުބަލް އެ ސަލާމަތްކުރެވުނީ" ރައީސް ވިދާޅުވިއެވެ.
އަދި މިއަދު ތަސްދީޤުކުރެވުނު ބިލު ޤާނޫނަކަށް ބަދަލުވެގެން ދެން މި ޤައުމުގައި އެ ޤާނޫނު ތަންފީޛުކުރެވޭހާ ހިނދަކު، ކުރިއަށް އަންނަ ޖީލުތައް އެ ވަބާއިން ސަލާމަތްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަކި ހިސާބަކުން އަހަރުތަކެއް ފަހުން މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާވެފައިވާ މުޖްތަމަޢެއް އެ ދުވަހަކުން އޮންނާނެކަމަށާއި އެ ހިސާބަށް މި ޤައުމު ދަންދެން އެންމެންވެސް އެކަމަށް އެއްބާރުލުން ދޭން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އަޅުގަނޑުމެންގެ އުފެއްދުންތެރިކަންވެސް ހަރުދަނާކުރެވޭނީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް އަޅުގަނޑުމެން ވެގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް