ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މިކަން އިޢުލާނުކުރުމަށް މިއަދު ބޭންކުގައި ބޭއްވުނު ޚާއްޞަ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު މައުރަޒު ކަމަށްވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިސްނެންގެވުމުގެ ދަށުން ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ.
މިހާރު ކުރިއަށްދަނީ މައުރަޒުގައި ހިމެނޭ ޑިސްޓްރިކްޓުތަކުގެ މަސައްކަތް ނިންމާ، ވިޔަފާރިތަކާ ޙަވާލުކުރުމުގެ މަސައްކަތެވެ. އަދި މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތި ޖަޖު ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފައެވެ.
މި މައުރަޒުގައި އަމިއްލަ ފަރުދުންގެ ދާއިރާ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ދިވެހި ވިޔަފާރިތަކުގެ ދާއިރާ، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ، ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ، ރަށު އަދި ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރު އަލަށް ތަޢާރަފްކުރި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ތަކުގެ ދާއިރާއިންވެސް މައުރަޒަށް ތަކެތި ހުށަހަޅާފައިވެއެވެ.
މި މައުރަޒަކީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދީ، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ދިވެހި ފަންނުވެރިކަން އިސްތިހާރުކުރުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ. ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން މައުރަޒަށް ތަކެތި ހުށަހަޅާފައިވާއިރު، އެންމެ ގިނައިން ތަކެތި ހުށަހަޅާފައިވަނީ ބ. ތުޅާދޫ އާއި މާލެ ސިޓީންނެވެ.
މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް