މުލަކުއަތޮޅު މުލީގައި މިިއަދު އެއާޕޯޓު ހުޅުވިގެން މިދަނީ ދިިވެހި ރައްޔިތުންނަށް ތަރައްޤީގެ ފޮނު މީރުކަން ގެނެސްދެއްވުމަށް ކެތްމަދުވެފައިވާ ވެރިއެއްގެ މަސައްކަތްޕުޅުންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ލި އެއާޕޯޓް ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި އެއާޕޯޓަކީ މ. އަތޮޅުގެ ރައްޔިތުންނާއި މުލީގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް ކަމަށާއި އަދި އެކި ސަބަބުތަކާ ހުރެ އެ އެއާޕޯޓުގެ މަސައްކަތް 11 އަހަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުލި އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުނީ 2014 ވަނަ އަހަރުގައެވެ. އެކަމަކު، އެއާޕޯޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިނިސްޓަރު ވިދާޅުވީ، އެ އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކަމަށާއި އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެން، އެންމެ އިސްކަމެއް ދީގެން ނިންމަން އެންްގެވި މަޝްރޫއުތަކުގެ ތެރޭގައި އެ މަޝްރޫއު ހިމެނޭކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތް ކުރުމަށް އެމްޓީސީސީން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 18 މަސް ދުވަސް ތެރޭގައި އެމްޓީސީސީގެ ވަރަށް ބުރަ މަސައްކަތުން ނިންމައި ހުޅުވުނު އެއާޕޯޓެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިމުނުއިރު، އެ އެއާޕޯޓަށް ޖުމްލަ 540 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި އެއީ އެ އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާނަމަ ބޮލަކަށް 100،000 އެއްހާ ރުފިޔާ ކަމަށެވެ. ކުޑަ އާބާދީއެއް ދިރިއުޅޭ މ. އަތޮޅުގައި އުޅެނީ 5،490 މީހުން ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓުގައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް