ހދ. ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތައް ފެށުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައެވެ. އެގޮތުން، މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާނެވެ.
މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބައެއް ތަރައްގީކުރުން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ޕޯޓް ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުށި ޕޯޓް ބޮޑުކުރުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފަށައިގަތް މަޝްރޫއެކެވެ. އަދި މިއަދި މި ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން އެމްޕީއެލްއިން ފާހަގަކުރައްވައެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއަންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދިޔުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭކަމެއް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް