އިޒްރޭލުން ފަލަސްޠީނުގެ ކުށެއްނެތް ޢާންމުންނަށް އަމާޒުކޮށް، ފަލަަސްޠީނުގެ ނަސްލު ނައްތާލުމަށް ކެނޑިނޭޅި ދެމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރައްވައި، އެކަން ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މި ޙަމަލާތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުކަށި ފިޔަވަޅު އަޅައި، ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބާރުއެޅުމަށް ގޮވާލައްވާފައެވެ.
ރައީސްގެ މެސެޖުގައި ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާއި އެއްގޮތަށް، ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅައި، އިޒްރޭލުން ހިންގަމުންދާ މި ނުބައި ޢަމަލުތަކަަށް، އެޤައުމު ޖަވާބުދާރީކުރުުވަން ޖެހޭނެކަން އެމަނިކުފާނުގެ ޕޯސްޓުގައި ތަކުރާރުކުރައްވާފައިވެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޚާރިޖީ ވުޒާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، އިސްރާއީލުން ޣައްޒާއަށް ދެމުންދާ މި ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ކުރެއްވި ތަޤުރީރުގައިވެސްވަނީ ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް