އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވިއްޖެނަމަ، މުޅި މުޖުތަމަޢުއަށް އޭގެ ފައިދާ ކުރާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ، އަންހެނުން ޑިޖިޓަލީ ބާރުވެރި ކުރެވިއްޖެ ނަމަ އާއިލާތަކަށާއި، މުޖުތަމައަށް އަދި މުޅި އިގުތިސާދަށް ވެސް ފައިދާކުރާނެކަމަށެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވަކި ބާވަތުގެ ވަޒީފާ އަދި ޚާއްޞަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ޓެލެކޮމިނިއުކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އޮފް ޓެކްނަލަޖީ އަލްފާޞިލް ޢަލީ އިޙްސާން ދެއްވާ ޚިޠާބު pic.twitter.com/W9xLHgl9Yi
— Ministry of Homeland Security & Technology, MV (@HomeMinistrymv) May 16, 2025
ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަކަމަށާއި، މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހަމިއްޔަތުކަމަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަން މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރެވުމަކީ މުޅި ޤައުމަށްވެސް ފައިދާ ކުރާނެކަމެއްކަމަށެވެ.
"ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. އޭގެ މާނައަކީ ތަޢުލީމު، ޞިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވުން. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް ފައިދާ ކުރާނެ." ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން، މުޖުތަމައު އަކީ ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރުވަން މަސައްކަތް ކުރާ މުޖުތަމައު އެއް ކަމަށާއި ނަމަވެސް މިކަމުގައި އަންހެނުންނާއި އަންހެން ކުދިން އެކަހެރިވެފައިވާކަމަށާއި އޭގެ ސަބަބުން ޓެކްނޮލޮޖީއަށް ވާސިލުވުމަށާއި ޑިޖިޓަލް ވަޒީފާތައް އަދި ލީޑަރޝިޕްގައި އެ ފަރާތްތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އަދި ރާއްޖޭގައި ތައުލިމު ހާސިލުކުރުމަށް ވަކި ޖިންސަކަށް ތަފާތުކުރުން ނޯންނަކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ އެ ފުރުސަތު އެގޮތަށް ފަހިވެފައި އޮތްކަމުުގައިވި ނަމަވެސް ވަކިވަކި ވަޒީފާތަކާއި ހިންގުމުގެ ދާއިރާގައި އަންހެނުންގެ ނިސްބަތް މަދުކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް