"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާާރުގެ ވަކި އޮފީހެއް ގާއިމުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ..
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ހުށަހެޅުއްވި އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭހެން ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުމަށް ހުށަހެޅި ބިލެކެވެ. އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް އެ ބިލުގެ ބޭނުމެކެވެ.
ބިލުގައި ބުނެފައިވާ ގޮތުން ބިލު ތަސްދީގުކުރުމާއެކު ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުނ،ް އެ ހިނދުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ އެވެ. މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސާވިސްއާއި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ. ބިލުގައިވާ ގޮތުން މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރެވެ.
ބަންޑާރަނައިބުކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނ،ީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ. އޭގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާ އިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް