މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާނެ ތިން ރަށެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އެގޮތުން ކަނޑައެޅި ރަށްތަކަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމެވެ. މި ތިން ރަށް ހޮވާފައިވަނީ މިދިޔަ އޭޕްރީލް މަހު ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.
މި ރަށްތައް ކަނޑައެޅުމުގައި ”ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާ“ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް އިސްކަން ދީފައިވާ ކަމަށާއި ޢީދު ފާހަގަކުރާނެ ރަށްތައް ހޮވުމުގައި ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވާފައިވާ ގޮތަށް ބަލާފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
މީގެ އިތުރުން، ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތައް ހިމެނުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ބަލާފައިވެއެވެ.
ފާއިތުވި އަހަރު އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކޮށްފައިވަނީ ރ. އުނގޫފާރު، ނ.ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައެވެ. މިއީވެސް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެން ހޮވާފައިވާ ރަށްތަކެކެވެ.
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހޮވިފައިވާ ތިން ރަށުގައިވެސް ޢީދު ފާހަގަކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް