93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ވަކި ޤައުމެއްގައި ކަން ކުރާ އުސޫލުން ރާއްޖޭގެ ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަޤީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕޮޑްކާސްޓްގައި ޙިއްޞާކުރައްވާފައެވެ.
ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މިފަދައިން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު، ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމަށާއި މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސް ވިދާޅުވިއެވެ.
މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސް ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާގެ މި ހަފުތާގެ އެޕިސޯޑް ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ، ރިޔާސީ ދައުރު ފެށޭ ތާރީޚަށް އައި ބަދަލު، އަނބުރާ ދެން އިޢާދަ ކުރެވިދާނެތޯ ކުރެވޭ ސުވާލަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން، ރިޔާސީ ދައުރު ފެށޭ ތާރީޚު ބަދަލު ކުރެވިދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރެވިގެންދާނީ ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުންކަންވެސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓަކީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް