"މައި ހުޅުމާލެ" މަސްރޭސް މާދަމާ ހުޅުމާލޭގައި ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެ އެވެ.
ފަސްދޮޅަހަށް ވުރެ ގިނަ ޓީމާ އެކު ބާއްވާ މި މަސްރޭހަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އަދި ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ގޮތަށް މަސްރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށް ދާނީ މާދަމާ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 ޖެހުމާ ހަމައަށްކަމަށްވެއެވެ.
މި ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އޭގެ އިތުރުން އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަކަށް ހޮވޭ ފަރާތަކަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، އެޗްޑީސީން ވަނީ "މައި ހުޅުމާލެ" މަސްރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ރޯލަ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ "ސްކޭޓް ސްކޭޕް" ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 ޖަހަންދެން ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކުގަ އެވެ.
މި ހަރަކާތުގައި ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މާދަމާ މެންދުރުފަހު 2 އާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފުތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ ހެނދުނު ސައިކްލިން ޗެމްޕިއަންޝިޕް ބާއްވާއިރު، އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕެއް އޮންނާނެ އެވެ. އަދި ހޮނިހިރު ދުވަހު ބީޗް ފެސްޓެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް