މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.؛
އެ އިދާރާއިން ބުނީ މިއަދު ހެނދުނު 11:00 އިން ފެށިގެން އިރުއޮއްސި ފަހު 17:00 ގެ ނިޔަލަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިންވަނީ ލަފާކޮށްފައެވެ.
White Alert issued from Laamu Atoll to Addu City. pic.twitter.com/lnmE0LbmKq
— Maldives Meteorology (@MetMaldives) May 14, 2025
މި ދުވަސްވަރަކީ ރާއްޖޭގައި ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. ހޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދިގުދެމިގެންދާ މޫސުމަކަށްވާއިރު، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށާއި، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
އަދި މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެެ 07 ވަނަ ދުވަހުގައިކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ. ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް