މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން، މެންބަރަކު އައްޔަންކުރުމަށް 10 ނަމެއް ދިރާސާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ. އެ 10 ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.
އަދި އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ޒީނާ ޒާހިރަށް ކަމުން، ކޮމިޓީން ފާސްކޮށްފައިވަނީ އެ ކޮމިޝަނަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ. ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ފަސް މެމްބަރުންގެ ނަންތަކަށް މަޖިލިހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމުން، ގިނަ މެމްބަރުން ވަނީ ޒީނާ އައްޔަނުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
އަދި އެ މަޤާމަށް އައްޔަނުކުރުމަށް މަޖިލީހުގެ 70 މެންބަރުންގެ ވޯޓާއެކު ފާސްކުރީ، ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިޔުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޫސާ ރިލްވާނެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެ ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.
ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަންފުޅެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވުމުން، އެ ނަންތައް ދިރާސާކުރައްވާ ކޮމިޓީއަކުން މެންބަރުންނާ އިންޓަވިއުކޮށް މަޖިލީހުން ފާސްކުރެއްވުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް