2007 ވަނަ އަހަރުން ގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
63 މެންބަރުންގެ ވޯޓާއެކު ފާސްކުރި މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބަދުލްޣަފޫރު މޫސާއެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ އިއްޔެ ވަނީ ބިލު ދިރާސާކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފައެވެ.
ވަގުތީ ކޮމިޓީން މި ބިލަށް މާބޮޑު ބަދަލެއް ގެނެސްފައިނުވާއިރު، ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒު ކުރެވޭނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު 27، 2025ގައެވެ.
ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް