ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މައިގަނޑު ތިމާވެށީގެ 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ މިނިސްޓަރ ތާރިޤް އިބްރާހިމް މިއަދު ވަނީ ރޯޒްވުޑް ރަންފަރު ރިސޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފައްޓަވައި ދެއްވާފައެވެ.
އަލަށް ތަރައްޤީ ކުރެވެމުންދާ ރޯޒްވުޑް ރަންފަރު ރިސޯޓުގެ ދަޢުވަތަކަށް މިނިސްޓަރު ކުރެއްވި މި ދަތުރުފުޅުގައި ރޯޒްވުޑް ރަންފަރު ރިސޯޓުގެ ފަރާތުން އެ ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމަށް އަހުދު ކުރެވިފައިވާ ލިއުމެއްގައި ސޮއެކުރުމުގެ ރަސްމިއްޔާތެއްވަނީ ބާއްވާފައިވެއެވެ. އަދި މި ދަތުރުގައި މިނިސްޓަރ ތާރިޤް ވަނީ ގަސް އިންދުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންގޮސް ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ތާރިޤް ދެއްކެވި ވާހަކަފުޅުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 5.2 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވާ ކަމަށާއި އަދި މީގެ އިތުރުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައި ސްރީލަންކާ ސަރުކާރުން ހަދިޔާ ކުރައްވާފައިވާ ހައިވަކަރު ގަސް މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާކަމަށް މިނިސްޓަރު ވަނީ އިއުލާނުކުރައްވާފައެވެ.
މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަން ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ތާރިޤް އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމާ މިހާރު ޑިޒައިން ކުރުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ.
މި ނާސަރީގައި ލެބޯޓެރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ހިންގުމުގެ ކޮޓަރިތަކާއި ގްރީންހައުސް އެއް ހިމެނޭނެކަމަށް ވިދާޅުވިއެވެ. މި ނާސަރީ ވެގެން ދާނީ ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ގަސް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އާލާ ކުރެވި އިންދުމަށް ރޯ ކުރެވިގެންދާނެ ނާސަރީއަކަށްކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް