"ހޯޕް އައިލެންޑް"އަކީ ކުށުގެ ވެށީގައި ތިބި ހާހެއްހައި ކުދިން ކުށުގެ ވެށްޓާއި ދުރުކުރުވާނެ ތަނެއްކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޤާނޫނުތަކަށް އަލަށް ގެނެވުނު އިސްލާހުތަކާއެކު ކުށުގެ ވެށްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއްކަމަށް ބަޔާންކުރާ ކަމަށާއި އެކަން ކުރާ މީހުން ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.
އަދި، މިހާތަނަށް އައިރު، ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށާއި އެފަދަ ކުދިންނާއި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ 1000 ކުދިންނަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި އެކުދިން ފެންނާނީ ޖަލުން ނޫނީ އެވަރުގެ ކުށަކަށް އަރައިގަންނަތަންކަމަށާއި ހޯޕް އައިލެންޑްގެ ނަމުގައި ރަށެއް މިއަޅަނީ އެކަމުން އެ ކުދިން ދުރުކުރުވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑްގެ މަޝްރޫޢުގެ ދަށުން ފެށޭނެ ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހޯޕް އައިލެންޑަކީ އަޚުލާޤު ރަނގަޅު، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ކުށްކުރާ ކުދިން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފެސިލިޓީތަކަކާއެކު ތަރައްޤީކުރާ ރަށެކެވެ.
ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭކަމަށާއި އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ހިމެނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ކުށުގެ މާޙައުލަށް ކުޑަކުދިން ހުށައެޅުން، ކުށެއްގެ ގޮތުގައި މީގެ ކުރިން ނުބެލި ނަމަވެސް، މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ފިޔަވަޅު އެޅޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުށުގެ މާޙައުލަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ހޯޕް އައިލެންޑް އެޅެންދެންވެސް ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ބައެއް ޕްރޮގުރާމްތައް ހިންގަމުންދާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެފަދަ ކުދިންނަށް އަމާޒުކޮށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމްތައް ހިންގަމުންދާކަމަށާއި އެފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ އެކިއެކި ފަރުވާ ދިނުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް