ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް ފުލުހުންގެ މުއައްސަސާއަށް މި ތޮޅޭތޮޅުން ހުއްޓާލަން ޖެހޭކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ އަހައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އިދާރާގެ އަގު ވެއްޓެން ފެށީ ރާއްޖެއަށް ޑިމޮކްރަސީ އައި ހިސާބުން ކަމަށާއި ދިވެހި ފުލުހުންނަކީ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް އިދާރާ ކަމަށާއި އެ އިދާރާއަކީ ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން، ބޭނުންވާ ހިދުމަތެއް ހޯދަން ހިންގާ އިދާރާއެއް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މިއައި ބޮޑު ބަދަލުގެ ތެރޭގައި އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންސްތަކުގެ އަގު ނުވަތަ އިންސްޓިޓިއުޝަންސްގެ ކަރާމާތް ނަގައިލުން. ސިޔާސީ ބޭނުމަކަށް ޓަކައި ކޮންމެ ބަޔަކުވެސް، އިދިކޮޅުގައި ތިބޭ އިރުގައި ފުލުހުންނާ މި ދިމާކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅުގައި ތިބެގެން ފުލުހުންގެ އަގުވައްޓާލުމަށްފަހު ވެރިކަމާ ހިސާބަށް އަންނަ ދުވަހު ފުލުހުން ބަރާބަރުވާނެ ކަމަށާއި ދެން ފުލުހުންގެ ރަނގަޅުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެހެން ހަދަމުން ގޮސް، ފުލުހުންގެ އިދާރާގެ އަގުވެއްޓުމުގެ ދެބައިކުޅަ އެއްބައި އޮތީ ގޮސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ކޯޝަން ކުރަން ބޭނުން، އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް ފުލުހުންގެ މުއައްސަސާއަށް މި ތޮޅޭތޮޅުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެބަޖެހޭ އެނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓް އެޖެންސީތަކަކީ ގާނޫނު އެންމެންނަށްޓަކައި ނަގަހައްޓާ ބައެއްކަން އެބަޖެހޭ ގަބޫލުކުރަން. ސިޔާސީ ވާދަވެރިކަން އޮންނަންވާނެ، ސިޔާސީގޮތުން ދެބަސްވެސް ވާންވާނެ، އެހެންނަމަވެސް މީގެ ތެރެއަށް ދައުލަތުގެ މުހިންމު މުއައްސަސާތައް ނުވައްދަންވީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ކަންކުރަމުން ގޮސް ފުލުހުންގެ އިދާރާގެ އަގު ވެއްޓުމުގެ ދެބައިކުޅަ އެއްބައި ގޮސްފައިވާ ކަމަށާއި އެ ހިދުމަތުގެ ތެރޭގައި ޕްރޮފެޝަނަލްކޮށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭތީ ވެސް ބައެއް ކަންކަން ދިމާވާ ކަަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް