ޝަރުޢީ ދާއިރާއަށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދާއި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ. އެ ދެ ފަނޑިޔާރުން ވަނީ ބަންޑާރަ ނައިބު ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން ބަންޑާރަނައިބު ވަނީީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ގޮތަށް ތުހުމަތު ކުރެއްވި ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދަކީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުންދާ ބޭފުޅެއް ކަމަށާއި، އެފަދަ ސިޔާސީ ވާހަކަތަކަށް އާންމު ގޮތެއްގައި ރައްދު ދެއްވުމަކީ ބަންޑާރަނައިބުގެ ތަބީޢީކަމެއްނޫންކަމަށެވެ. އެހެންނަމަވެސް، އުޝާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ސުޢޫދު ފޮނުއްވާފައިވާ މެސެޖުތަކާއި ދައްކަވާފައިވާ ވާހަކަތަކުން ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަން ސާފުވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނަވާނީވެސް އެ ބޭފުޅާ. އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު މިދަންނަވަނީ. އެއްވެސް ޒަމާނެއްގައި ތަހުޤީޤެއް ކުރައްވައިފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ." ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ސުޢޫދު ކަމަށް ބަންޑާރަ ނާއިބު ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އެބޭފުޅާ އަމިއްލައަށް އެއްވެސް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރައްވާފައިވާ ތުހުމަތާ ގުޅޭ ގޮތުން، އުޝާމް ވިދާޅުވީ އެޖެންޓެއް ފޮނުވައިގެން އިންޒާރު ދިން ކަމުގެ ތުހުމަތަކީ ދޮގު ވާހަކައެއް ކަމަށެވެ. އުޝާމް ވިދާޅުވި ގޮތުގައި އަޒްމިރަލްދާ އިޝާރާތް ކުރައްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހިނގި ކަމަކަށް ކަމަށާއި، އެޖެންޓެއް ކަމަށް ބުނެފައިވަނީ އެ ދެ ބޭފުޅުންގެ އެކުވެރިއަކަށް ކަމަށެވެ.
"އެ ކަމެއް ހިނގައިދިޔައީވެސް ސުޕްރީމް ކޯޓުގެ މައްސަލައިގެ މާކުރިން. އެ ބޭފުޅުން ވަރަށް ކޮންވީނިއެންޓްލީ ނުދައްކާ ވާހަކައެއް. އަޅުގަނޑާއި ރަހުމަތްތެރިޔާއާއި ދެކެވުނު ވާހަކަ ދެކެވުނީ މިއަހަރު ފެބްރުއަރީ މަހުގެ ކުރީކޮޅު. އޭރަކު ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުމެއް ތާވަލެއްވެސް ނުކުރޭ. އޭގެ ފަހުން މައްސަލައިގެ ދެ އަޑުއެހެން ބާއްވައިފި، ތި ވިދާޅުވާ ދެ ފަނޑިޔާރުން (ހުސްނުސުޢޫދު އަދި ޑރ. އަޒްމިރަލްދާ) އެ ބެންޗުގައި ތިއްބެވި. އެވަރުގެ ތުހުމަތެއް އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ ކުރައްވާއިރު ކީއްވެތޯ ދެ އަޑުއެހުން ބޭއްވުނު އިރު އެވާހަކަ ވިދާޅުނުވީ" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ތުހުމަތުތައް އަމާޒުވާން ފެށީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިމާވެ ބަލަން ފެށުމަށްފަހުކަން ކަމަށާއި މިއިން އެއްވެސް ފަރާތަކުން މިކުރާ ތުހުމަތަކީ ހަޤީޤަތެއް ނެތް ތުހުމަތުތުތަކެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް