މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިއުގަތަކުގެ އެންމެ އުހުގައި ތިބޭ މީހުން އަތުލައިގަތުމަށްކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް އެތަކެތި ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އަސްލު މަސްތުވާތަކެތި ސަޕްލައިކޮށްދޭ މީހާ އަތުލައިނުގަނެވޭ ކަމަށެވެ. އަދި އެހެންވުމުން މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ނުލިބޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުމަށް," ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ފުވައްމުލަކުގައި ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އެއީ މަގުމަތީ އަގުން 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތިކަމަށާއި އަދި އަތޮޅުތެރެއަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން 9000 އަށްވުރެ ގިނަ ރާ ފުޅި އަތުލައިގަނެފައިވާކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓާފައިވާ ކަމަށާއި، ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް