ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް މިއަދު ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަތަކާ ގުޅިގެން ވަޒީރު ކުރެއްވި ދަތުރުފުޅަކަށްވާއިރު، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިނިސްޓަރ ޚަލީލް މި ދަތުރުފުޅުގައި ކުވޭތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޚަލީލް، ކުވޭތުގެ މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް، މިނިސްޓަރ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓަރ އޮފް ފިނޭންސް އާއި ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުވޭތަކީ ދިވެހިރާއްޖެއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް