ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގެންނެވުމާ އެއްގޮތަށް، މިއަހަރުގެ ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 2،000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސްގެ މި ނިންމެވުމާ ގުޅިގެން ކޮންމެ ހައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1،750 ޑޮލަރު އިތުރަށް ލިބޭނެއެވެ. މީގެ އިތުރުން، މިހާރުވެސް ޑެބިޓް ކާޑަށް މަހަކު ދެމުންދާ 250 ޑޮލަރުގެ ލިމިޓްވެސް ލިބޭނެއެވެ. އަދި މިހާރުވެސް ދަތުރުވެރިންނަށް ވިއްކާ 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
"ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންގެ ލިސްޓު ފޮނުވުމުން، އަޅުގަނޑުމެން މި ލިމިޓް ހަމަޖައްސައިދޭނަން,...މިއީ ހައްޖުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް" ބީއެމްއެލްގެ ސީނިއަރ އޮފިޝަލެއް ވިދާޅުވިއެވެ.
މީގެ ކުރިން ހައްޖުވެރިންނަށް ލިބެމުން އައި ޑޮލަރުގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. ރައީސްގެ މި ނިންމެވުމާ ގުޅިގެން ހައްޖުވެރިންނަށް މިހާރު ޖުމްލަ 2،500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުގެ ހައްޖާޖީންގެ އިތުރުން ރަމަޟާންމަހު އުމްރާއަށް ދިޔަ އުމްރާވެރިންނަށްވެސް ޑޮލަރު ލިމިޓް ވަނީ އިތުރުކޮށްދެއްވާފައެވެ. އެގޮތުން ކޮންމެ އުމްރާ ވެރިއެއްގެ ޑެބިޓްކާޑަށް 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވާފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، އުމްރާވެރިންނަށް އެއް މިލިއަން ފަސްހާސް އެއްސަތޭކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދޫކޮށްފައިވާކަމަށާއި މިއީ އުމްރާވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް ބޭންކުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް