ގދ. ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލާނީ ސަރުކާރުގެ "ހިޔާވެހި" ޕޯޓަލްގެ ތެރެއިންކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ މަޝްރޫޢާ ގުޅިގެން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުނެވެ.
އެގޮތުން، ތިނަދޫގައި ސަރުކާރުން ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫޢުއަށް ހައުސިން ސްކީމެއް ކަނޑައަޅާ "ހިޔާވެހި" ޕޯޓަލްގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލަން މަސައްކަތް ކުރަމުންދާކަމަށާއި، ތިނަދޫގައި އަޅާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢުއަކީ ސަރުކާރުން ހިންގަމުންދާ މަޝްރޫޢުއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން މިއަހަރުގެ ޖެނުއަރީ މަހު 29 ވަނަ ދުވަހު އިޢުލާނުކުރީ، އެވުޒާރާއާ މަޝްވަރާވެސް ނުކޮށްކަމަށާއި އެހެންކަމުން ސަރުކާރުގެ ހައުސިންގ ސްކީމްތަށް ދޭފަރާތްތައް ކަނޑައަޅާ މިންގަނޑުން އެކަން ކުރިއަށްގެންދިއުމަށް، ކައުންސިލުން ކުރި އިޢުލާނު ބާތިލުކުރަން އެންގުމުންވެސް އެކަން ތިނަދޫ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މަސައްކަތް އުސޫލާ އެއްގޮތަށް ގެންދިއުމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭ މެދުވެރިކޮށްވެސް އެންގިކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތް މިހާރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެދަށުން ކުރިއަށްގެންދަމުންދާކަމަށާއި އެކަމާ ގުޅޭ އުސޫލުތައް ހަދާ، ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.
"މިއީ ސަރުކާރުގެ މަޝްރޫޢުއަކަށްވުމުން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުން ގެންދަންވާނީ. މިނިސްޓްރީއިން މިހާރު މިދަނީ، މި ޕްރޮޖެކްޓްގެ ޔުނިޓްތައް ދޫކުރުމަށް ސްކީމެއް އެކުލަވާލާ، ސަރުކަރުގެ ހިޔާވަހި ޕޯޓަލްގެތެރެއިން އިޢުލާނުކުރުމަށް ތައްޔާރުވަމުން. އެކަމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ." ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. ތިނަދޫގައި 200 ރޯހައުސް އެޅުމުގެ މަޝްރޫޢަކީ 2022 ވަނަ އަހަރު ފެށުނު މަސައްކަތެކެވެ. މިއީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. 700 އަކަފޫޓުގެ ޖާގައިގެ މި ރޯހައުސްތަކަކީ 2 ފަންގިފިލާގެ އިމާރާތްތަކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް