1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.
އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސަޢުދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ފަބްލިކް ސާވިސް މީޑިއާގެ ފަރާތުންވެސް ބޭފުޅަކު ހިމެނޭކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް