އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ސާފުކުރަން ފަށައިފިކަމަށް އިންކުއަރީ ކޮމިޝަން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުން މިއަދާހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ފަށައިފިކަމަށެވެ.
މީގެ ކުރިން ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް އެއްވެސް މައުލޫމާތެއް ފޯރުކޮށްދޭން ބޭނުންވާނަމަ އެ މައުލޫމާތެއް ޕޯޓަލް އެއް މެދުވެރިކޮށް ފޮނުވުމުގެ ފުރޞަތު ހުޅުވާލާފައެވެ. އަދި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދޭން ދަތި ނުވަތަ އެގޮތަށް އެކަން ކުރަން ބޭނުންފުޅުނުވާނަމަ، އެ ކޮމިޝަނަށް ވަޑައިގެންވެސް އެ މަޢުލޫމާތު ހިއްސާކުރެވޭނެކަމަށްވެސް އެ ކޮމިޝަނުންވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް