ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ޕީޖީގެ ވާހަކަފުޅުގައިވަނީ 13 އަހަރުގެ ކުޑަކުއްޖަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއް ހިއްސާކުރައްވާފައެވެ. އެގޮތުން، އެ ކުއްޖާއަށް ކުރިމަތިވި އަނިޔާތަކާއި ގުޅިގެން މީގެ އަހަރުތަކެއް ކުރިން ޖިނާއީ ދަޢުވާއެއް ކުރެވި، އަނިޔާވެރިޔާއަށް ޙައްޤު އަދަބު ދެވިފައިވާކަމަށާއި، އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުއްޖާއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ފުލުހުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، އަދި ސޯޝަލް މިނިސްޓްރީ ފަދަ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުއްޖާގެ އިތުރުން އެ ކުއްޖާގެ އާއިލާއަށްވެސް ދޭންޖެހޭ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ދެވިފައި ނުވަނީ އިދާރާތަކުން އެންމެން ގުޅިގެން މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުންކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
"އެކަން އެހެން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ކޮންމެ އިދާރާއަކުންވެސް ކޮންމެވެސް ސަބަބަކާހުރެ މިހާތަނަށް މަސައްކަތްކުރެވިފައި ހުރީ އެ މުއައްސަސާއަކަށް މަތިކޮށްފައިވާ މެންޑޭޓުގެ ތެރެއިން ބަންދުވެ ތިބެ ވަކިވަކި މުއައްސަސާއެއްގެ ގޮތުގައި ކަމަށް ވީތީ. ކޮންމެ ބައެއްވެސް އެބަޔަކަށް ރީތި އަދި އެބަޔެއްގެ ބަޖަޓު ތަންދޭވަރުގެ ފޮރިގަނޑެއް ގަނެގެން އެބަޔަކަށް ކަމުދާ ކޯޓެއް ފަހައިގެން މަސައްކަތްކުރެވިފައިވާތީ." ޕީޖީ ވިދާޅުވިއެވެ.
މިއަދު ފެށި މި މަހާސިންތާއަކީ، ޕީޖީ އޮފީހުން އިސްނަގައިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެވެ.
މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަދި މި މަހާސިންތާގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިންޓަނޭޝަނަލް ޗައިލްޑް ޕްރޮޓެކްޝަން އެކްޕާޓް ޑރ. މާރިޔާ ޢަލީ އަދި މަޝްހޫރު ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު، ޑރ. ޝަނޫހާ މަންސޫރުއެވެ.
އަދި މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު މި އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއަކަށްވާއިރު މި މަހާސިންތާގެ މީޑިއާ ޕާރޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އެވެ. އަދި ޑިޒައިން ޕާރޓްނަރަކީ ލޫޕްކްރާފްޓް އެވެ.
މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދުތަކަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޛްކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް