ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް "އެގްޒެކެޓިވް ލީޑަރޝިޕް ޓްރެއިނިން"ގެ ނަމުގައި ކުރިއަށްދިޔަ 8 ގަޑިއިރުގެ ތަމްރީން ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.
އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައިކަމަށާއި، ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން ވަރަށް މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢާންމު ރައްޔިތުންނާ ކުރިމަތިލައި ޚިދުމަތްދޭއިރު، ތަމްރީންތަކުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެދެނީ ފަންނީ ގޮތުން ބޭނުންވާ ތަމްރީންތައް އަދިވެސް ދީ، ފުރުޞަތުތައް ހޯދާދިނުމަށް." ވަޒީރު ވިދާޅުވިއެވެ.
The Closing Ceremony of the ‘Executive Leadership Training’ for Senior Management was held today, graced by the Chief Guest, @min_mohst, Ali Ihusaan. In his remarks, the Minister emphasized the importance of leadership development and commended the dedication and hard work of… pic.twitter.com/7mEhrJyQf0
— Maldives Immigration (@ImmigrationMV) May 8, 2025
މި ޕްރޮގުރާމުގައި "އެފެކްޓިވް" މީހުންގެ ކިބައިގައި ހުންނާނެ 7 އާދައެއްގެ މައްޗަށް ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ފޮތެއްގައި ހުރި މަޢުލޫމާތުތަކަށް އަލިއަޅުވާލާފައިވާއިރު، މިއީ މުވައްޒަފުންކުރާ މަސައްކަތުގައި ބޭނުންކުރެވިދާނެ އާދަތަކާއި ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމަށްޓަކައި ބޭނުންވާނެ އެކި ކަންކަމަަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަންގެ މި ތަމްރީން ކޯހުގައި ބައިވެރިވެފައިވަނީ އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް