އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ)، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ލައިވްކޮށް ދިނުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި ނަމަވެސް، އެކަން ނުކުރަން ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލުންނާ ގުޅުވައި، ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެއްކި ކަމަށް ތުހުމަތުކޮށް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް އަބުރުގެ ދައުވާ އުފުއްލަވާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ލައިވް ނުކުރުމަށް ނިންމެވީ ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމެވެ. އަދި އޭގެ ސަބަބުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވެފައި، ކުއްޖާގެ މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ.
މި މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލުން ވަނީ، މި ވާހަކަތަކުގެ ސަބަބުން އުމައިރު މުޙައްމަދު މުޢިއްޒުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށްވެސް ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް