ސަރުކާރުން ތަޢާރަފްކުރާ "އީވީ ޓެކްސީ ލައިން" ގެ ސަބަބުން މިހާރު ޓެކްސީކަން ކުރައްވާ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އައު ޚިދުމަތް ފެށުމުން ވެސް އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ފުރުސަތު ކުރިއެކޭ އެއްފަދައިން އޮންނާނެ ކަމަށެވެ. އަދި މިހާރު ޕާޓްޓައިމްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސަރުކާރުގެ ޓެކްސީ ލައިންގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ޓެކްސީ ލައިން ޕްލޭންކޮށްފައިވާނީ ދާއިމީ ޓެކްސީ ޑްރައިވަރުންނާއި ފްރީލާންސްކޮށް ޓެކްސީ ޑްރައިވަރުންނަށް ވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށްކަމަށް މިނިސްޓަރުވަނީ ފާހަގަކޮށްފައެވެ.
"މިހާރު ޕާޓް-ޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް މި ޓެކްސީ ފްލީޓްގައި ޕާޓް-ޓައިމްކޮށް ނޫނީ ފުލް-ޓައިމް މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ. ޓެކްސީ ކުރައްވައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު...އެހެންވީމާ ޓެކްސީކުރާ ފަރާތްތަކަށް ގެއްލުންވާނެ އެއްވެސް ގޮތެއް ނޯންނާނެ. ޓެކްސީ ކުރާ ފަރާތްތައް ވެސް މިކަން މި ކުރަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާއެކު، މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތަށް ބޮޑު ޑިމާންޑެއް އޮތްއިރު، މާލޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމަށް ޓެކްސީ ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދަތިތަކާ ގުޅިގެން އާންމުންގެ ވަރަށްގިނަ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ.
އަދި މާލޭގެ މަގުތަކުގެ ހާލަތައް ރިޢާޔަތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރު ޓެކްސީ ލައިންގައި މާލޭގެ ކުދި މަގުތަކަށް ވަދެވޭވަރުގެ ޓެކްސީތައްވެސް ހުންނާނެއެކަމަށާއި، ހުޅުމާލެއަށާއި އެއާޕޯޓަށް ވެސް ދަތުރު ކުރެވޭނެ ސައިޒުތައް ހިމެނިގެން ދާނެކަމަށެވެ.
މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައެވެ. އެމްޓީސީސީން މި ޚިދުމަތް ފޯރުކޮށްދޭނީ އިލެކްޓްރިކް ވެހިކަލްތައް މެދުވެރިކޮށް، އޫބަރާއި ގްރެބް ފަދަ އެޕްލިކޭޝަންތަކުގެ ސްޓައިލަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ޤާއިމުކޮށްގެންނެވެ. މި ޚިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަޢާރަފްކުރެވިގެންދާނެއެވެ.
އެގޮތުން، ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށަން ނިންމާފައިވާއިރު ދެވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ.
އަދި ތިންވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް