ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގައި ޢަމަލު ކުރާނޭގޮތުގެ ގައިޑްލައިން ނެޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓުން އާއްމުކޮށްފިއެވެ.
މި ގައިޑްލައިން އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ، މީޑިއާގެ ފަރާތުން ނަފްސާނީ ބަލިތަކާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާ ބާރުވެރިކޮށް، މުޖުތަމަޢުގެ ޢާންމު ވިސްނުން ބައްޓަންކުރުމުގެ މައްޗަށް މީޑިއާގެ ކިބައިގައިވާ ބާރު އީޖާބީގޮތެއްގައި ބޭނުންކުރެވިދިޔުމަށް މަގުދެއްކުމެވެ.
އަދި ނަފްސާނީ ބަލިތަކާއި އަމިއްލައަށް މަރުވުމުގެ މައްސަލަތައް ރިޕޯޓުކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރިޕޯޓްކުރުމަށް މީޑިއާއަށް އެހީތެރިވުންވެސް މި ގައިޑްލައިންގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، ނަފްސާނީ ބަލި ހުންނަ މީހުން ހިންގާ އަނިޔާއާއި ކުށުގެ ޢަމަލުތައް ރިޕޯޓްކުރުމުގައި ޚާއްޞަ ސަމާލުކަންދޭންވާ ކަންކަމާއި، ކުޑަކުދިންގެ ނަފްސާނީ ޞިއްޙަތާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށްފައިވެއެވެ.
🧠 ނަފްސާނީ ޞިއްޙަތާއި ގުޅޭ ޚަބަރު އެކަށައެޅުމުގެ ކުރީން ވިސްނާލައްވާ!
ނަފްސާނީ ޞިއްހަތާ ގުޅުންހުރި ޚަބަރެއް ނުވަތަ ޙާދިސާއެއް ރިޕޯޓް ކުރަން ނިންމުމުގައި އަންނަނިވި 3 ސުވާލުގެ މައްޗަށް ވިސްނައި ގޮތެއް ކަނޑައެޅުން މުހިއްމު! pic.twitter.com/c4Pls1x4w8
— National Mental Health Department (@nmhdmv) May 5, 2025
ހަމައެއާއެކު، ރިޕޯޓުކުރުމުގައި ޢާންމުންނަށް ހުށަހެޅޭ މަޢުލޫމާތަކީ ޞައްޙަ، ރަނގަޅު، އަދި އިންޞާފުވެރި މަޢުލޫމާތަށްވުން ޔަޤީންކުރުމަށްޓަކައި ޢަމަލުކުރާނޭގޮތުގެ އުޞޫލުތަކާއި ބަހާއި ތަޞްވީރު އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޚަބަރު އެކަށައެޅުމުގައި ފޯކަސްކުރާނޭ އެންގަލް އިޚްތިޔާރުކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، ޚަބަރުގައި ހިމަނާނޭ ތަފްޞީލްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ކަންކަންވެސް މި ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ.
މި ގައިޑްލައިން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް