އެއްވެސް ބޭރު ފަރާތަކަށް ދިވެހިރާއްޖެއަށް ޖާސޫސްކުރުމުގެ ނުދޭނެކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވދާޅުވެފައިވެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދިފާއީ ވަޒީރާ ކުރެއްވި ސުވާލުތަކުގެ ތެރޭގައި، ބޭރު ގައުމުތަކާއެކު ވެވޭ އެއްބަސްވުންތަކުގެ ސަބަބުން އެ ފަރާތްތަކަށް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު އޮތްތޯ ސާފުކުރެއްވިއެވެ. ޚާއްސަކޮށް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގައި ޖާސޫސީ އާލާތްތައް ހުރިތޯ ބެއްލެވުމާ ގުޅޭގޮތުން މެންބަރުން ސުވާލު ކުރެއްވިއެވެ.
މި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެމްއެންޑީއެފްގެ ވަސީލަތްތައް ތަންދޭ މިންވަރަކުން، އެފަދަ އުޅަނދުތަކުގައި ޖާސޫސީ އާލާތްތައް ނެތްކަން ކަށަވަރުކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރެވެނީ އަސްކަރިއްޔާގެ ޤާބިލްކަން ހުރި މިންވަރުން ކަމުގައި ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް އާލާތެއް ތި ޕްލެޓްފޯމުތަކުގައި ނެތް ކަން ކަށަވަރުކުރަމުންދަނީ. އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް ހުރި މިންވަރަކަށް މަސައްކަތް." ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން، އީޕީއޭއާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ އަދި ޗައިނީސް އެކަޑަމީ އޮފް ސައިންސާ ދެމެދު ފެބްރުއަރީ މަހު ވެވުނު އެއްބަސްވުމާ ގުޅިގެންވެސް ޖާސޫސްކުރުމުގެ ފުރުސަތު އޮތްތޯ މެންބަރުން ކުރެއްވި ސުވާލަށް، އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް