ދިވެހިރާއްޖޭގައި މަސައްކަތްކުރަމުން އައި އިންޑިއާ ސިފައިންގެ ތެރެއިން 74 މީހުން މިހާރުވަނީ އެ ޤައުމަށް އަނބުރާ ފޮނުވާލާފައިކަމަށާއި، އަދި އެ ސިފައިން މި ޤައުމުގައި ތިބި މުއްދަތުގައި އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހދ. ހަނިމާދޫ، ލ. ކައްދޫ އަދި ސ. ގަމުގައި ތިބި އިންޑިއާ ސިފައިން ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ ތެރެއިން އަނބުރާ ގެންގޮސްފައިކަމަށާއި މި ތިން ސަރަހައްދުގައި ޖުމްލަ 74 ސިފައިން ކުރިން ތިބިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ހދ. ހަނިމާދޫ ގައި ތިބި 25 ސިފައިން، ލ . ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 24 ސިފައިންނެވެ.
ސިފައިންގެ ބަދަލުގައި ގެނެވުނު މަދަނީ މުވައްޒަފުންގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކައްދޫ އަދި ގަމުގައި ތިބި މީހުންގެ މުއްދަތު ފެބުރުއަރީގައި ހަމަވެފައިވާއިރު، ހަނިމާދޫގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބުރުއަރީގައި ކަމަށެވެ. މިއީ، މިދިޔަ އަހަރުގެ މެއިމަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިއްސާކުރެއްވި މުއްދަތުތަކެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުން އެ މުއްދަތުތައް ބަދަލުނުކުރާހާ ހިނދަކު، މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު އޮންނާނީ އެގޮތަށެވެ.
އެހެންނަމަވެސް، މި މަސައްކަތް ކުރިއަށްދަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވި ކަމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިނުވާ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު ވައުދުތަކުގެ ތެރެއިން އެއް ވައުދެއްގެ ގޮތުގައި ހިމެނޭ އިންޑިއާ ސިފައިން ފުރުވާލުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މީގެ ތެރޭގައި އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުތައް ދުއްވި ސިފައިން ވެސް ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް