ކުޅިވަރާ ބެހޭ ގާނޫނަށް ބަދަލު ގެނެސް، ދެ މަސް ދުވަހުގެ ތެރޭގައި ގައުމީ ކުޅިވަރުގެ ފަންޑު އެކުލަވާލަންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި މި ބިލު ދިރާސާކޮށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް ގެނެވުނު އިސްލާހުތައް 70 މެންބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ޖަމްއިއްޔާތަކާއި ކުޅިވަރު ދާއިރާގެ އެހެނިހެން ފަރާތްތައް ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ބެލެހެއްޓުމެވެ. އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކުގެ އިތުރުން ކޮމިޓީތަކުގެ ބާރުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ބަދަލަކީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އޭގެން ފައިދާ ހޯދުމަށް ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމެވެ. މި ފަންޑު ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އުފައްދަންޖެހޭނެއެވެ.
ގައުމީ ކުޅިވަރުގެ ފަންޑުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީ ދިނުމާއި، ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކުރުން ހިމެނެއެވެ.
ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް މި ފަންޑަށް ކަނޑައެޅުމުގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާއިން ހިންގާ ކުޅިވަރު ހަރަކާތްތަކުން ވިޔަފާރީގެ އުސޫލުން ލިބޭ ފައިދާވެސް މި ފަންޑަށް ޖަމާކުރަންޖެހޭނެއެވެ.
މި ފަންޑު ހިންގާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކަމަށާއި، ސަރުކާރުގެ އެހެން ފަންޑުތަކާ ވަކިން ބަލަހައްޓަންޖެހޭނެ ކަމަށް ފާސްކުރެވުނު ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ފަންޑުގެ ފައިސާ ދައުލަތުގެ ފިސްކަލް ބޭނުންތަކަށް އަނބުރާ ދެއްކުމަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް