އައްޑޫ ސިޓީގެ މަރަދޫފޭދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މިކަން ހާމަކޮށް ކައުންސިލުން މިއަދު ބުނީ، މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 76 ގޯތިކަމަށާއި، މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫގެ އަލަށް ހިއްކާފައިވާ ބިމުން، ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުންކަމަށެވެ.
އަދި މި 76 ގޯތީގެ ތެރެއިން 68 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫ އަވަށުގެ މީހުންނަށްކަމަށާއި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަށް ގޯތިކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.
އެހެންކަމުން، ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުން "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާނަމަ، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތަކާއެކު ޖޫން 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަރަދޫފޭދޫ އަވަށު އޮފީހަށް ފޯމު ހުށަހެޅުމަށް އެ ކައުންސިލުންވަނީ އަންގާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް