ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއްނިންމެވުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު މަޤާމުން ދުރުކުރުމަށް ނިންމާފައިވާ ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، މި ނިންމުމަށް ވާސިލުވެފައިވަނީ ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވުމާ ގުޅިގެންކަމަށާއި، މި ނުފޫޒު ފޯރުވުމުގައި ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް ދެ ފަނޑިޔާރުން ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް، ޖޭއެސްސީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒްގެ އެ އަމަލަކީ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސޫއޫދުވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް